މިއަދު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރި ކެންޑީޑޭޓުންގެ ތެރެއިން ރ. އަލިފުށީ ދާއިރާ އަށް ބިގޭ އަދި ރ. އުނގޫފާރު ދާއިރާ އަށް ޝާޑު އިންތިޚާބުވެވަޑައިގެންފިއެވެ.

އަލިފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެން ބިގޭއަކީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންނެވެ. އަދި އުނގޫފާރު ދާއިރާ އަށް އިންތިޚާބުވެވަޑައިގެން ޝާޑުއަކީ ފާއިތުވި ދައުރުގައި ރ.، އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި އަލީ ޝާހިދެވެ.

ބިގޭ، އިންތިހާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)އާ ވާދަކޮށްގެންނެވެ. ހަސަންޓޭއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.

އެމްޑީޕީގެ އަލިފުށީ ދާއިރާގެ ރައީސްގެ އިންތިހާބުގެ ކެމްޕޭނު ފާހަގަކޮށްލެވިފައިވަނީ އެންމެ ފޯރިގަދަ ކެމްޕޭނުގެ ގޮތުގައެވެ. ބިގޭގެ އިތުރުން ހަސަންޓޭ ވެސް ވަނީ އެ ދާއިރާގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައިފައެވެ.

އަލިފުށީ ދާއިރާގައި ހިމެނެނީ އަލިފުށީ، ވާދޫ، ރަސްގެތީމް އަދި އަނގޮޅިތީމު އެވެ.