ކޯވިޑް-19 ހުރިތޯ ބެލުމަށް ހަދާ ޕޮލީމަރަސް ޗެއިން ރިއެކްޝަން (ޕީސީއާރު) ޓެސްޓް ނަހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ރ. ވާދޫ އަރައިފިއެވެ،

ހެލްތު ޕްރޮޓެލްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަކުރި ގޮތުގައި ލިސްޓަށް އިތުރުވި ރަށްތަކުގެ ތެރޭގައި ވާދޫ ހިމެނެއެވެ. އަދި ލިސްޓްގައި ރ. އަތޮޅުގެ 11 ރަށެއް ހިމެނެއެވެ. އެއީ ވާދޫގެ އިތުރުން، ރ. އަލިފުށި، ރ. މީދޫ، ރ. ރަސްގެތީމް، ރ. ރަސްމާދޫ، ރ. އަނގޮޅިތީމް، ރ. އުނގޫފާރު، ރ. ކިނޮޅަސް، ރ. އިނގުރައިދޫ، ރ. އިންނަމާދޫ އަދި ރ. މަޑުއްވަރީ އެވެ.

ޕީސީއާރު ޓެސްޓް ހަދަން ނުޖެހި ބައެއް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ނިންމި ނިންމުމުގެ ދަށުން މިވަގުތު 110 ރަަށަކަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން ރާއްޖޭގެ ރަށްތަކުގެ ވެކްސިން އާބާދީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައި ވަނީ 110 ރަށަކުންނެވެ.

އާބާދީގެ 5 ޕަސަންޓަށް ވުރެ މަދުން ކޯވިޑް-19ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސްފަ އެވެ.

އެ މީހަކު އެދާ ރަށެއްގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 90 ޕަސަންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ.