ދިވެހިރާއްޖެއަށް ސްކިމް ބޯޑިން ތައާރަފުކޮށް، މި ކުޅިވަރު ދިރިވުމަށް ރ. ވާދޫގެ ޅަ ފުރައިގެ ކުދިން އަމާޒު ހިފައިފިއެވެ.

މި ކުދިން ފާހަގަކުރެވެނީ މި ކުޅިވަރަށް ވަރަށް ޝައުގުވެރި ކުދި ބައެއްގެ ގޮތުގައެވެ. ކުދިން މި ކުޅިވަރު ކުޅެނީ، ބޯކޮށް ވާރޭވެހޭ ކޮންމެ ދުވަހަކު މަގުމައްޗަށް ހެދިފައި އޮންނަ ބޮޑު ފެންގަނޑުގައެވެ. ނުަވަތަ ދިޔަވަރު ކުޑަވަގުތުގައި ރާޅުކުރީގައެވެ.

އަމިއްލަ އަށް ”ސްކިމް ބޯޑު“ ހަދައިގެން، ސްކިމް ބޯޑު ޖައްސަން ދަސްކުރުމުގައި އުޅޭ ހައެއްކަ ފިރިހެން ކުދިން ހިމެނޭ މި ގުރޫޕަކީ ވަރަށް ހުނަރުވެރި ކުދިންކޮޅެކެވެ. މި ކުޅިވަރު ދަސްކުރުމަށް މި ކުދިން ބަލަނީ ޔޫޓިއުބް ވީޑިއޯއެވެ. ބޯޑު ޑިޒައިން ނުވަތަ ފަރުމާކުރަނީ މި ކުދިން ބޭނުންވާ ގޮތަކަށެވެ.

”ޔޫޓިއުބް ބަލައިގެން ދަސްކުރަނީ ޓެކްނިކްނިކްތައް“ މި ގުރޫޕްގައި އިސްކޮށް އުޅޭ ހޫދު ހުސައިން ޒިޔާދު ރ. ވާދޫ ލައިވް އަށް ބުންޏެވެ.

ހޫދުގެ އިތުރުން، ޒައިދު ބިން އިބްރާޙިމާއި އަހުމަދު އަރުޝަމް ފަދަ ހުނަރުވެރި ކުދިން މި ކުޅިވަރުގައި އަންނަނީ ފައިހަމަކުރަމުންނެވެ. ޒައިދު ވެސް ބުނީ ދަސްކުރަނީ ޔޫޓިއުބް ބަލައިގެން ކަމަށެވެ. އަދި އަމިއްލަ އުކުޅުތައް ވެސް ބޭނުންކުރާ ކަމަށް ބުންޏެވެ.

ރ. ވާދޫގެ މި ފުރައިގެ ކުދިންނަކީ ސްކިމް ބޯޑިންގެ އިތުރުން، ރާޅާ އެޅުމާއި، ފުޓްސަލް ކުޅުމަށް މޮޅު ހުނަރުވެރި ދަރިންތަކެކެވެ.

މިފަދަ އެތައް ހުނަރުވެރިންނެއް ވާދޫގައި ތިބި އިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގައި އާލާތްތަކާއި ވަސީލަތްތައް ނެތުމެވެ.

2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައި އިރު ވެސް، ވާދޫގެ ޒުވާނުންނާއި ކުޑަކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވާދޫ ކައުންސިލުން ވެސް އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ފާހަގަކޮށްކަން ޖެހެއެވެ.