ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަލިފުށީގައި ބާއްވަން ނިންމައިފިއެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗް އަލިފުށީގައި ކުޅެން ނިންމާފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ.
އެ މުބާރާތުގެ ފައިނަލް މެޗު އެރަށު ދަނޑުގައި ކުޅެން އެފްއޭއެމްއިން ނިންމާފައިވާކަން އަލިފުށީ ކައުންސިލަށް ވަނީ އަންގާފައެވެ.
އަލިފުށީ ފުޓްބޯޅަ ދަނޑުގައި ފައިނަލް މެޗު ކުޅެން އެކަށީގެންވޭތޯ ބެލުމަށް އެފްއޭއެމްގެ ޓީމެއް ނިމުނު އަހަރު ފަހުކޮޅު ވަނީ އެ ރަށަށް ދަތުރުކޮށްފައެވެ. އަދި އެރަށު ކައުންސިލާއި އެކު އެ ޓީމުންވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
4 އަހަރަށް ފަހު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައެވެ. އެންމެ ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު މި މަހު 23 ވަނަ ދުވަހު ކުޅޭ ފައިނަލަށް ހޮވޭނީ ލީގު ބުރުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.
