މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި ދެ ވަނަ މެޗެއް ކުޅުމަށް ރ. ވާދޫ އެފް.ސީ ތައްޔާރުވެއްޖެއެވެ.
މި މެޗްގައި ކުޅޭނީ ރ. ވާދޫ އެފްސީ އާއި ރ. އިންނަމާދޫ އެސް.ސީއެވެ. ރ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ރ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، މިއަހަރު 10 ރަށަކުން ވާދަ ކުރާއިރު، މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކޮންމެ ދުވަހަކު ތިން މެޗް ކުޅޭނެއެވެ.
މި މުބާރާތުގެ ވާދަކުރާ 10 ރަށުގެ ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ”ގުރޫޕު އޭ“ގައި ހިމެނެނީ ރަސްމާދޫ އެފް.ޓީ، އިންނަމާދޫ އެސް.ސީ، މަޑުއްވަރީ އެފް.ޓީ، ރ. ވާދޫ އެފް.ސީ އަދި އިނގުރައިދޫ އެފް.ޓީއެވެ. ”ގުރޫޕު ބީ“ގައި ހިމެނެނީ، ރ. އަލިފުށި، ރ. މާކުރަތު، ރ. ހުޅުދުއްފާރު، ރ. ދުވާފަރު އަދި ރ. މީދޫއެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގައި ރ. ވާދޫ އެފް.ސީ ކުޅޭ މެޗްތައް ތާވަލުކޮށްފައިވާ ގޮތަށް ބަލާއިރު، މިއަދު ހަވީރު 05:00ގައި އިނގުރައިދޫ އެފް.ޓީ އާއެކު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 04:00ގައި މަޑުއްވަރީގެ ޓީމާ ވާދަކުރާ މެޗެއް އޮންނާނެއެވެ. ގްރޫޕް ސްޓޭޖްގައި ރ. ވާދޫ އެފް.ސީ ކުޅޭ ފަހު މެޗް އޮންނާނީ 8 ވަނަ ދުވަހުގެ ހަވީރު 05:00ގައެވެ. މެޗްގައި ވާދަކުރާނީ އިންނަމާދޫ އެސް.ސީ އާއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަތޮޅު ވެރިކަންކުރާ ރަށް ކަމަށްވާ އުނގޫފާރުގައެވެ. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުގައި ވާދޫ ތަމްސީލް ކުރާ، ރ. ވާދޫ އެފްސީގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
|| ރ. ވާދޫ އެފްސީގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވް
