ރ. ވާދޫގައި ސިއްޚީ މަރުކަޒެއް ބިނާކޮށް ޚިދުމަތްދޭން ފެށިތާ މިއަދަށް 14 އަހަރު ފުރިއްޖެއެވެ.

ސަރުކާރުން ވާދޫގައި ބިނާކުރި ”ރ. ވާދޫ ސިއްޚީ މަރުކަޒު“ ރަސްމީކޮށް ހުޅުވާފައި ވަނީ 8 ނޮވެމްބަރު 2008ގައި ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. ރ. ވާދޫ ސިއްޚީ މަރުކަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި އޭރު ރ. އަތޮޅުގެ އަތޮޅު ވެރިޔާގެ މަޤާމުގައި ހުންނެވި ހުސައިން ރަޝީދެވެ.

ވާދޫ ސިއްޚީ މަރުކަޒުގެ ޚިދުމަތަށް 14 އަހަރު ފުރުން ފާހަަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަަމަޖެހިފައެވެ. މިގޮތުން، މި ހަރަކާތްތައް ފެށުމަށް މިއަދު ހެނދުނު ދިދަނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރަށުގެ އެކިއެކި މުވައްސަސާތަކުގެ އިސްވެރިން ނުވަތަ އެބޭފުޅުންގެ މަންދޫބުން ބައިވެރިވެވަޑައިގަތެއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ވާދޫ ސިއްޚީ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ވާދޫ ސިއްޚީ މަރުކަޒަށް 14 އަހަރު ފުރުނު އިރު، މީގެ ކުރީގެ ސަރުކާރުތަކުން މާ ބޮޑު އަޅާލުމެއް ދީފައި ނުވާ އެމަރުކަޒަށް އަދުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. މިސަރުކާރުން ވަނީ ސިއްޚީ މަރުކަޒުގެ އިިމާރާތް ބޮޑުކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ.

ޖުމުލަ 3175241.09 ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ރ. ވާދޫ ސިއްޚީ މަރުކަޒަށް އޮފީސް، މަލްޓި ޕާޕޯސް ހޯލް، ޖެނަރަލް ސްޓޯރ، މެޑިކަލް ސްޓޯރ، ގަރާޖް އަދި ލޯންޑްރީ، ކައުންސެލިން ރޫމް، ޕެއިންޓްރީ، ޕީއެޗްޔޫގެ އިތުރުން އިތުރު ބައިތަކެއް ވެސް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން, އެ މަރުކަޒުގައި ބަލި މީހުން އެޑްމިޓްކުރަން ބޭނުންކުރާ އެނދުތައް މި ސަރުކާރުން ވަނީ ޒަމާނީ އިލެކްޓްރިކް އެނދަށް ބަދަލުކޮށްފައެވެ. އެކްޓެންޝަން އިމާރާތުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ ހެލްތު ސެންޓަރުގެ މައި ދޮރާއި ދޮރުފަތް ލަކުޑިން އެލްމެނިއަމް ދޮރަށް ވަނީ ބަދަލުކޮށްފައެވެ.

ވެއިޓިންގް އޭރިޔާ ވަނީ އޭސީކޮށްފައެވެ. އެހެންކަމުން މިހާރު ރ. ވާދޫ ސިއްޚީ މަރުކަޒަކީ ފުލް އެއާރކަންޑިޝަންޑް އިމާރާތެކެވެ. އަދި ވާރޑް އެނދުގައި ބެޑް ސްކްރީން ވެސް ވަނީ ހަރުކޮށްފައެވެ.

މި ނޫނަސް މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.

ވާދޫ ސިއްޚީ މަރުކަޒަކީ ރަށުގައި ހުރި ވަށާފާރު ނެތް ހަމައެކަނި ދަޢުލަތުގެ އިމާރާތެވެ. މިކަން އެ މުވައްސަސާގެ ފަރާތުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަށް މި މަޢުލޫމާތު ވަނީ އަރުވާފައެވެ.