މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި އަށް ރަށަކުން ވާދަކުރަން ހުށަހަޅާފައިވާ ކަމަށް ރ. އަރޮޅު ކައުންސިލުން ބުނެފިއެވެ.
ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ސުންގަޑި މިމަހުގެ 23 ވަނަ ދުވަހު ހަމަވިއިރު، ޖުމުލަ އަށް ރަށަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.\
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގައި ވާދަކުރަން ހުށަހެޅި ރަށްތައް:
- ރ. އަލިފުށި
- ރ. ރަސްމާދޫ
- ރ. ދުވާފަރު
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އުނގޫފާރު
- ރ. އިނގުރައިދޫ
- ރ. މީދޫ
މިދިޔަ އަހަރުގެ މުބާރާތުގައި ރ. ވާދޫއިން ވާދޫ އެފްސީ ބައިވެރިވި ނަމަވެސް، ކުޅުންތެރިންގެ ފިޓްނަސް މަައްސަލަތައް ހުރުމުން، މުބާރާތުގައި އެންމެ ރަނގަޅު ޕަފޯމަންސް ނުދެއްކޭނެތީ ވާދޫ އެފްސީ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވެއެވެ.
މިމުބާރާތުގައި ވާދަކުރުމަށް އަށް ރަށަކުން ހުށަހެޅިއިރު، މުބާރާތް ހޯސްޓުކުރުމަށް ހުށަހަޅަން ހުޅުވާލުމުން އެއްވެސް ރަށަކުން ޝައުގުވެރިކަން ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން، މުބާރާތް ބާއްވާނެ ވަކި ރަށެއް އަދި ކަނޑަނާޅައެވެ. މިދިޔަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ރ. އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައެވެ.
މިއަހަރު އޮތް ރ. އަތޮޅު ހޭންޑްބޯލް ޓޯނަމެންޓް 2023 ވެސް ހޯސްޓުކުރަން ޝައުގުވެރިކަން ފާޅުކުރި ރަށެއް ނެތުމުން، އެމުބާރާތް ބޭއްވީ އުނގޫފާރުގައެވެ.
އެމުބާރާތް އެރަށުގައި ބާއްވަން ނިންމީ، އަތޮޅުގެ މެދުތެރޭގައި އޮވެފައި، ރަ. އަތޮޅުގެ ކޮންމެ ބިތަކުންވެސް ފެރީގެ ނިޒާމުން ގުޅާލެވިފައިވާ، ފަސޭހައިން ދަތުރުކުރެވޭނެ ރަށަކަށްވާތީއެވެ.
މިދިޔަ އަހަރު ބޭއްވި. ރ. އަތޮޅު ފުޓްސަލް މުބާރާތުން މުބާރާތުން ޗެލެންޖުން ޗެމްޕިއަންކަން ހޯދީ ރ. އިނގުރައިދޫއާ ވާދަކޮށް މިއަތޮޅު ދުވާފަރެވެ.
ރ. ދުވާފަރު ސްޕޯސް ކުލަބް އެ މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކުރީ ރ. އިނގުރައިދޫ އެފްޓީ ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
