ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އެމްއާރުއައި މެޝިން އަންގާރަ ދުވަހު އެ ރަށަށް ފޮނުވައިފިއެވެ.
ހެލްތް މިނިސްޓްރީގެ ދަށުން އެތަން ވަކިކޮށް، ރ. އުނގޫފާރު ހޮސްޕިޓަލްގެ ކަންކަން ފިލަރެސްކޮށް، ހިންގައި، ބެލެހެއްޓުމަށް، 2022 ވަނަ އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ގަވަނަންސް ބޯޑެއް އެކުލަވާލާފައެވެ.
ބޮޑެތި ހޮސްޕިޓަލުތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރައީސް ޞާލިޙްގެ ސަރުކާރުންވަނީ ބޯޑުތަކެއް އެކުލަވާލާފައެވެ. މިއުސޫލުގެ ދަށުން އުނގޫފާރު ހޮސްޕިޓަލުގެ ބޯޑަށްވެސް، އެމަނިކުފާނު، 2022، ސެޕްޓެމްބަރު 1 ގައި، ހަ މެންބަރުން އައްޔަނުކުރެއްވިއެވެ.
މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ޞާލިޙް އައްޔަންކުރައްވާފައިވަނީ ރ.މަޑުއްވަރި އެމްޓޭޝަންގެ، މުހައްމަދު ސާމިއުއެވެ.
އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި، ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްވެސް ހިމެނެއެވެ.
އުނގޫފާރަށް އައު އެމްއާރްއައި މެޝިނެއް ފޮނުވުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން އެކުލަވާލި ބޯޑުން އެސްޓީއޯއާ ހަވާލުކުރި މަަސައްކަތެކެވެ.