އުރީދޫ މޯލްޑިވްސްއާއި ”މާސްޓަރކާޑު“ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތައް ފަހިކޮށްދޭން ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މަގުބޫލު ކޭޝްކާޑު ”މާސްޓަރކާޑު“ގެ ބެލެނިވެރި ކުންފުންޏާއެކު މިއެއްބަސްވުމުގައި ސޮއިކުރިކަން އުރީދޫ މޯލްޑިވްސްއިން އިއުލާންކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާޒްގައި މާސްޓަރކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރު، (ސްރީލަންކާ އަދި މޯލްޑިވްސް)، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އޫރީދޫ މޯލްޑިވްސްއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މާސްޓަރކާޑާއެކު ވެފައިވާ އެއްބަސްވުމަކީވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ކަސްޓަމަރުން އަދި މާސްޓަރކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެ،“

މާސްޓަރކާޑު، ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރުމާ ވިދާޅުވީ މާސްޓަރކާޑު އަދި އުރީދޫ މޯލްޑިވްސް އާއެކު ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ހުޅުވާލެވޭނެ ކަމަށެވެ. އަދި މާސްޓަރކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫއާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާސްޓަރކާޑާއި އުރީދޫ މޯލްޑިވްސް ވެފައިވާ މިއެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީ ވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފާތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވިނެޓްވާކާއެކު ފުރިހަމަވެގެންދާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.