މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ، ކިނާރާމަންޒިލް، މަރިޔަމް ނަޝީދާ އައްޔަންކޮށްފިއެވެ.
ކޮޅުފުށީ ކައުންސިލްގެ އެސްޖީގެ ޒިންމާތަކާ ރަސްމީކޮށް ނަޝީދާ އާދިއްތަ ދުވަހު ހަވާލުވެ ރަސްމީ މަސައްކަތަށް ވަނީ ނުކުމެފައެވެ.
ނަޝީދާ ތަޢުލީމް ހާސިލުކޮށްފައިވަނީ ރ. ވާދޫ ސުކޫލުންނެވެ. އެއަށް ފަހު އޭލެވެލް ފުރިހަމަކުރީ ރ. ހުޅުދުއްފާރު ސުކޫލުންނެވެ. މީގެ އިތުރުން ނަޝީދާ ވަނީ މެޕްސް ކޮލެޖުން ޑިގްރީ ވެސް ހާސިލްކޮށްފައެވެ.
ރ.ވާދޫ ސުކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިތުރުން މުލަކު އަތޮޅު ސުކޫލްގައި ވެސް ނަޝީދާ ވަނީ މަސައްކަތްކޮށް ދައުލަތަށް ހިދުމަތްކޮށްފައެވެ.
ސެކްރެޓަރީ ޖެނެރަލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސް ވެރިޔާއެވެ.
ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލް އިދާރާގެ އިދާރީ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށެވެ.
