ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ރ. އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރު ދިއްލާލައިފިއެވެ.

އަންނަ ބުދަ ދުވަހު ފާހަގަކުރާ ފިތުރު އީދު ދުވަހަށް ބޮކިތަކާއި ގިޑިގެތައް އުނގޫފާރުގެ ބޮޑެތި މަގުތައް ވަނީ ދިއްލާލައިފައެވެ.

ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް “އީދު އަލި” ހަރަކާތް ފެށުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގެ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ.

އީދަށް އުނގޫފާރު ދިއްލާލައިފައި — ފޮޓޯ: އުނގޫފާރު

ކުޑަ އީދުގެ އުފާ ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން މާލެ އާއި އެހެން ސިޓީތަކާއި ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށް ވަނީ ދިއްލާލައިފައެވެ.

ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށުގައިވެސް އީދު އަލި ދިއްލުމާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ފިތުރު ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދުގެ އުފާ ފާޅުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް އެމަނިކުފާނު ނިންމެވި ސަބަބެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ އުފާ ކުރައްވާކަމެއް ކަމަށާއި އަންނަ އަހަރު މިއަށް ވުރެ ގިނަ ރަށްތައް ދިއްލާލުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

”މިހާރުވެސް ވަރަށް ގިނަ ރައްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި ޢީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، މިއަންނަ އަހަރަށް އަދި އަޟްހާ ޢީދަށް [ދިއްލާ] ރަށްތައް މިއައްވުރެ ގިނަ ކުރާނަން. އެހެންވީމަ ކުޑަކުދިން، ޢާއިލާތަކުން ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދު އޭގެ ފުރިހަމަ ގޮތުގައި ފާހަގަ ކުރައްވަވާ ”

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކުގައި، އެއްބައެއްގެ ގޮތުގައި ޢީދު ފާހަގަކުރަންކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއް އީދަށް ދިއްލާލާފައިވާއިރު، މިމަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ވުޒާރާއެވެ. އަދި އެމަސައްކަތުގައި ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.