މިހިނގާ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ރާއްޖޭގެ މެދުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލިކަން މިއަދު ހާމަކޮށްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ ފަރާތުން މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމިކަން ހާމަކުރީ އިއްޔެއެވެ.
އެ ވުޒާރާއިން ވަނީ މި އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.
ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ އީދު ފާހަގަކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ އަޟްޙާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ހަރަދުތައް އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ.
އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މެއި ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އީދު ފާހަގަކުރާ ރަށް ކަނޑައަޅާ މާކްސް ދިނުމުގައި އެ ވުޒާރާއިން ފޯރުކޮށްދޭން އެދޭ ފައިސާގެ އަދަދާއި ރަށަށްދާ މީހުންގެ ދަތުރުފަތުރާއި ތިބުމާއި ކެއިންބުއިން ފަދަ ކަންކަމުގައި ވުޒާރާއަށް ކައުންސިލުން ހަމަޖައްސައިދެވޭނެ ކަންކަމާއި މިންވަރު ހިމެނެއެވެ.
މީގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރުތައް ހިމަނާފައިވާ މިންވަރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިވެވޭ ފަދަ ކުޅިވަރުތައް ހިމަނާފައިވާ މިންވަރު ހިމެނެއެވެ.
