ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި އާދިއްތަ ދުވަހު އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން ނިޔާވި ސިފައިންގެ ބޭކަލު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ.
މި ހާދިސާގައި ނިޔާވީ، ރ. އުނގޫފާރު، ނިއުލައިފް، ލާންސްކޯޕްރަލް މުހައްމަދު ޒައިދާން 23، އެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު ހަވީރު އަޞްރު ނަމާދަށްފަހު މަސްޖިދުއް ދުކްތޫރު އަފްރާޝީމް ޢަލީ (އުނގޫފާރު އިސްލާމީ މަރުކަޒު)ގައެވެ. އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ އެ މަރުކަޒުގެ އިސް އިމާމް ޢަބްދުﷲ ޢަލީއެވެ.
އަލްމަރްޙޫމް ޒައިދާން ފަސްދާނުލާފައިވަނީ، ކަށުނަމާދަށްފަހު އުނގޫފާރު ސަހަރާގައެވެ.

އޭނާގެ ސަންދޯއް ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއް މަތީގައިވާ ގައުމީ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އާއިލާގެ އެންމެ އިސްފަރާތުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.
ފަސްދާނުލުމަށްފަހު ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ.
އޭނާގެ ކަށުނަމާދުގައްޔާއި ޖަނާޒާގައި އަލްމަރްޙޫމް ޒައިދާންގެ ޢާއިލާގެ މެންބަރުންނާއި، ސިފައިންގެ ވެެރިންނާއި، ސިފައިންގެ ބޭކަލުންނާއި، އުނގޫފާރުގެ ޢިއްޒަތްތެރިންނާއި، އެ ރަށު ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކަށުނަމާދުގައާޔާއި ޖަނާޒާގައި ޢާންމުންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކުވެސް ބައިވެރިވިއެވެ.
