ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ ނިމުތުގައިވާ ގޮތުން، ކުރިއަށް އޮތް 72 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާޅުގެ އުސްމިން ހުނާނެ ކަމަށް ބެލެވެނީ 5-8 ފޫޓުގައެވެ.
ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަން ފާހަގަކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގުމޫސުމުގެ ވިއްސާރައެވެ.
ނަކަތަށް ބަލާއިރު މިއީ ހުޅަނގު މޫސުމުގެ 8 ވަނަ ނަކަތް ފުސް ނަކަތެވެ. ފުސް ނަކަތަކީ ޖުލައި މަހުގެ15 ވަނަ ދުވަހުން ފެށިގެން28 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. އަދި އެވްރެޖްކޮށް 88.6 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ.
މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ.
