ރާއްޖޭގެ ސިއްހީ ދާއިރާއަށް ދެމުންދާ ސަމާލުކަން އިތުރުކުރުމުގެ ގޮތުން، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

މިދިޔަ ބްރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާފައިވާއިރު، ބަޖެޓުގައި ސިއްހީ ދާއިރާގެ އެކި ކަންކަމަށް 8.8 ބިލިޔަން ރުފިޔާ ކަނަޑައަޅާފައިވެ އެވެ.

މި ބޮޑު ބަޖެޓަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ސިއްހީ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ކަނޑައަޅާފައިވާ ބަޖެޓެކެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ފަދަ ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ. އަދި ޒަމާނީ ސިއްހީ ވަސީލަތްތައް ގާއިމުކުރުމާއި، ބަލިމަޑުކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށްވެސް މި ބަޖެޓުން ހާއްސަ އިސްކަމެއް ދެވޭނެއެވެ.

އެގޮތުން ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާވަނީ ހިމަނާފަ އެވެ. އަދި ސިއްހީ ދާއިރާއިން އެކި ދިރާސާތައް ކުރުމަށް 15 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހޮސްޕިޓަލްގެ ހިދުމަތްތަކަށް 5.16 ބިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 917 މިލިޔަން ރުފިޔާވެސް ވަނީ ހާއްްސަކޮށްފަ އެވެ. އަދި ހޮސްޕިޓަލް ތަރައްގީކުރުމަށް 430 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެއިތުރުން ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް 232 މިލިޔަން ރުފިޔާ ހާއްސަކޮށްފައިވާއިރު ނަފްސާނީ ދުޅަހެޔޮކަމާއި ރިހިބިލިޓޭޝަނަށް 102 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސިއްހީ ދާއިރާއަށް މިހާ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ، ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، ރާއްޖޭގައިވެސް ފުރިހަމަ ސިއްހީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސަރުކާރުގެ ވިސްނުންފުޅާ އެއްގޮތަށެވެ. މީގެ ސަބަބުން، ރައްޔިތުންގެ ސިއްހީ ހާލަތު ރަނގަޅުވެ، މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުވެގެން ދާނެކަމަށް ލަފާކުރެވެއެވެ. މި ބަޖެޓަކީ، ސިއްހީ ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދީ، ދިގު މުއްދަތުގެ ސިއްހީ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ.