ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވެފައިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީ.އެން.ސީގެ ޕާލިމެންޓަރީ ގްރޫޕުގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާޢުވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެވިވަޑައިނުގަންނަވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. މިކަމުން ދޭހަވަނީ ވެރިކަންކުރާ ޕާޓީގެ އިސް މެންބަރުންވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާކަމެވެ.

މަޢުރޫފް ޒާކިރު މި ވާހަކަފުޅު ދެއްކެވީ ”ކޮބާ މަގޭ ގޯތި، ކޮބާ މަގޭ ފްލެޓް“ ކެމްޕޭނުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ. މަޢުރޫފް ފާހަގަކުރެއްވިގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުނުކުރެވޭކަން ފާހަގަކުރައްވަވަމުން، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޝުޖާޢު ވަނީ މި މައްސަލަ ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުކުރުމަށް ގޮވާލައްވާފައެވެ.

އިތުރަށް މަޢުރޫފް ފާހަގަކުރެއްވިގޮތުގައި، ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ދައުލަތަށް އަނބުރާ ނަގަންޖެހޭކަމަށެވެ.

މަޢުރޫފް ޒާކިރު ވިދާޅުވެފައިވަނީ މި ވާހަކަތަކުން ސާފުކޮށް އެނގިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުނުކުރެވޭނެކަން މިހާރުގެ ސަރުކާރަށްވެސް ޤަބޫލުކުރެވިފައިވާކަމެވެ.

”އެއީ ސަރުކާރުގެ ވިސްނުން ހުރި ގޮތް. ގޯތިތައް ވެސް އަތުލަން. އެއަށް ވުރެ އަދި މާ ނުބައި ވިސްނުން ވެސް އެބަ ހުރި ސަރުކާރުގެ.“ މަޢުރޫފް ޒާކިރު ވިދާޅުވިއެވެ.

މަޢުރޫފް އިތުރަށް ފާހަގަކުރެއްވީ މިހާރުގެ ސަރުކާރުން ޝައްކު އުފެދޭ ކިތަންމެ ވާހަކައެއް ދައްކަމުންދާކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުން ވަނީ ވެރިކަމުގެ ދައުރު ދިގުދެމިގެންދާނެ ގޮތަށް ޤާނޫނުތަކަށް ބަދަލުގެނެސްފައެވެ. އަދި ދިވެހިރާއްޖޭގައި ޚުދުމުޚްތާރު ވެރިކަމެއް ޤާއިމުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި، މިފަދަ ކަންކަމަށް އެމްޑީޕީން ފުރުޞަތު ނުދޭނެކަމަށްވެސް މަޢުރޫފް ޒާކިރު ވަނީ ވިދާޅުވެފައެވެ.

މަޢުރޫފް ޒާކިރު އިތުރަށް ފާހަގަކުރެއްވީ އިދިކޮޅު ފަރާތްތަކުން ހަރަކާތެއް ބާއްވާ ވަގުތަށް ސަރުކާރުން ހުއްޓާލާފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގަންނަކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ބޯހިޔާވަހިކަމާ ގުޅޭ ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް ނިންމި ހިސާބުން، އެޗްޑީސީން ހުޅުމާލެ ހިއްކުމާ ގުޅޭގޮތުން އިޢުލާންތަކެއް ކޮށްފައިވެއެވެ.

މީގެއިތުރުން، މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަވުމާއެކު، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ތަފްޞީލު ސަރުކާރުން އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަން ފަށާފައިވާކަމަށްވެސް މަޢުރޫފް ފާހަގަކުރެއްވިއެވެ.

އަދި މިހާރު ރައީސް މުޢިއްޒަށް ތާއީދުކުރަނީ ހަމައެކަނި ރައީސް މުޢިއްޒު އެބަޔަކަށް މުސާރަދެއްވާ ފަރާތްތައް ކަމަށާއި، ރައްޔިތުންގެ ތާއީދާއި އިތުބާރު މިހާރުގެ ސަރުކާރަށް ގެއްލިފައިވާކަމަށްވެސް މަޢުރޫފް ޒާކިރު ވިދާޅުވެފައިވެއެވެ.