ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
”މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ“
އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއް ގައި ބުނީ ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ،މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމަމިއާއެކު، ފުލުހުން ބުނީ ”އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށާއި، މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.