ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން 535 ލޯނާއި ވިނަރެސް ފްލެޓް ގަންނަން 26 ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އިޖުތިމާއީ އަދި އަތްފޯރާ އަގުގައި ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދަން ބީއެމްއެލްއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. ނަމަވެސް، އެ އަދަދު 10 ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ދަތިވެ، ޑީފޯލްޓް ވެފައިވާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭނެ ޕްލޭނެއް ހަދައި ދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން ވިނަރެސް ފްލެޓް ގަންނަން ދޫކުރި ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން އަށް ޕަސެންޓަށް ކުޑަކޮށްދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

”އެއީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި،“ އެ މަނިކުފާނުގެ ޕޯސްޓުގައިވެ އެވެ.