މިދިޔަ ހަފްތާގައި ސިނަމާލޭ ބްރިޖާއި ހަލި މަގުގައި 50 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރު 9 އިން 15 ނޮވެމްބަރަށް ޖުމްލަ 54 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެތެރެއިން،އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، އެ ދުވަހު އެކަނި 13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު،އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ވެފައިވާ އެކްސިޑެންޓްތަކެވެ. އެފަދަ 15 އެކްސިޑެންޓް ވަނީ ހިނގާފައެވެ. އަދި ސައިކަލާއި ސައިކަލު ޖެހިގެން ވެސް 13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިދިޔަ ހަފުތާގެ ސިނަމާލޭ ބްރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސްހިސާބަށް ބަލާއިރު،ތިން މީހަކަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށާއި 51 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މީގެއިތުރުން، 43 އުޅަަދަނކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.
އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ސަރުކާރުން ދަނީ ފުލުހުންނާއި ގުޅިގެން އެކި ސަރަހައްދުތަކުގެ ޓްރެފިކްފުލޯ އަށް މުހިއްމު ބަދަލުތައް ގެންނަމުންނެވެ.