\ރ.އުނގުފާރު ބަނދަރުގެ ނެރު ފުންކުރުމަށްޓަކައި ވެލިނަގައި ފަރާތްތަކަށް ވެލި ނެގުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފިއެވެ.
އުނގޫފާރު ކައުންސިލުން ނެރުނު ގަރާރެއްގައި ބުނީ، އުނގޫފާރު ބަނދަރުގެ ނެރަށް ވެލި ފައިބާ ނެރުތިލަވެ، ލަފާފުރުމަށް މުދާ ހިފައިގެން ދަތުރުކުރާ ބޯޓުފަހަރު އުނގޫފާރު ފަޅަށް ނުވަދެވި އަނބުރާ ދިއުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންގެ ފަރާތުން އެތަައް ޝާކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުގައި އެތައްފަހަރެއްގެ މަތިން ޝަކުވާކުރުމުންވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށްވެސް އެ ކައުންސިލުން ނެރުނު ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން، ކައުންސިލުން ބުނީ ކައުުންސިލަށް ލިބިދޭ ބާރުގެ ދަށުން މިތަދިކަން ހައްލުކުރުމަށްޓަކައި ވެލިނަގާ ފަރާތްތަކަށް ވެލިނެގުމުގެ ފުރުސަތު ހުޅުވާލާ ނެރުން ވެލިގަން ހުއްދަދިނުމަށް، އެ ކައުންސިލްގެ 44 ޖަލްސާގައި ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ގަރާރުގައި ބުނެފައިވަނީ، އުނގޫފާރު ބަނދަރަށް ވަދެ ނިކުތުމަށް ކަނޑައަޅާފައިވާ ނެރަށް ވެލި އަރާ ނެރެ ތިލަވުމުގެ ސަބަބުން، މެދު ދިޔަވަރުގައާއި އަޑި ދިޔަވަރުގައި ބަނދަރަށް ނުވަދެވި ވިޔަފާރި ވެރިންނަށާއި އާންމު ރައްޔިތުންނަށް ނުހަނު ދަތިތަކާ ކުރިމަތިވަމުންދާއިރު، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނެރު ފުންކުރުމަށްޓަކައި ވެލިނަގައި ފަރާތްތަކަށް ވެލިނެގުމުގެ ފުރުސަތު ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.