ދިރާސީ އައު އަހަރު ފެށުމާއެކު، އޭލެވެލް ކިޔަވާ ދަރިވަރުން ކްލާސް ގަޑީގައި ފޯނު ބޭނުންނުކުރެވޭ ގޮތް ހަދައި، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމަކީ މިހާރުވެސް މަނާ ކަމެއް ނަމަވެސް، އެގޮތަށް ދަރިވަރުން އަމަލުކުރަމުން ނުދާ ކަމަށެވެ. އެގޮތުން ސްކޫލަށް ދަރިވަރުން ފޯނު ގެންދާ މައްސަލައަށް ހައްލެއް ލިބިފައި ނުވަނީ ފިޔަވަޅު ނާޅާތީ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ސްކޫލްގެ ކިޔެވުން ފެށުމާއެކު، 10 އިން ދަށުގެ އެއްވެސް ދަރިވަރަކަށް ފޯނެއް ނުގެންދެވޭނެ ކަމަށާއި އެ މައްސަލަ ވަރަށް ހަރުކަށިކޮށް ގާތުން ބަލާނެކަމަށެވެ.

މީގެއިތުރުން، އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސްކޫލް އަށް ފޯނު ގެންދެވުނު ނަމަވެސް. ކިޔަވައިދޭ ގަޑިތަކުގައު ފޯނު ބޭނުންނުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުންނަށް ލޮކާ ސިސްޓަމް އެއް ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ކުރަމުން އަންނަ ކަމަށެވެ. އަދި ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންގެ ފޯނުތައް ބަހައްޓަން ޖެހޭނީ އެ ލޮކަރ ގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.