ރ. ވާދޫ އިންޖީނު ގޭގައި ހުކުރު ދުވަހުގެ ރޭ ގޮވީ އިންޖީނު ސްޓާޓް ކުރަން ބޭނުންކުރާ ބެޓެރިއެއް ކަމަށް އެތަން ހިންގާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ، ރ. ވާދޫ ފެނަކަ ގޮފީގެ އިންޖީނު ގޭގައި ހުކުރު ދުވަހުގެ ރޭ ގޮވާފައި ވަނީ ބެޓެރިއެއް ކަމަށާއި އިތުރު ނުރައްކަލެއް ނެތް ކަމަށެވެ.

ރ. ވާދޫ އިންޖީނު ގޭގެ ވެރިޔާ މުހައްމަދު ނިޔާޒު ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ބެޓެރި ފިޔަވާ އިތުރު އެއްޗަކަށް ގެއްލުން ވެފައި ނުވާ ކަމަށް އޭނާ ވިދާލުވިއެވެ. ނިޔާޒު ވިދާޅުވީ މި ފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ސްޕެއާރ ބެޓެރި އަބަދު ވެސް އެ ތަނުގައި ހުންނާނެ ކަމަށެވެ.

ރ. ވާދޫ އިންޖީނު ގެއަކީ 24 ގަޑިއުރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ވާއިރު، ރައީސް ޔާމިންގެ ސަރުކާރުގައި ލޯޑު ބޮޑުވުމުގެ މައްސަލަ ކުރިމަތިވެ، ރަށުން ކަރަންޓް ކެނޑޭތީ ރައްޔިތުންގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

ނަމަވެސް، މި މައްސަަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ވަނީ ވާދޫ އިންޖީނުގެއަށް 280 ކިލޯވޯޓްގެ އާ ޖަނަރޭޓަރެއް ގެނެސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ، ރ. ވާދޫ އިންޖީނުގޭގައި 3 މަސް ކުރިން ގެނެސްފައިވާ މި ޖަނެރޭޓަރުގެ އިތުރުން، 100 ކިލޯވޯޓްގެ ޖަނެރޭޓަރަކާއި 128 ކިލޯވޯޓްގެ ޖަނެރޭޓަރެއްގެ އަދި 150 ކިލޯވޯޓްގެ ޖަނެރޭޓަރެއް ހުރެއެވެ.

މީގެ އިތުރުން، ރ. ވާދޫގައި ކަރަންޓްގެ ޚިދުމަތް ހަރުދަނާކުރުމަށް މުޅިން އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އިމާރާތުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ދެ މަސް ކުރިން ވާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަނުގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ފެނަކަ ކޯޕަރޭޝަންގެ އަހުމަދު ސައީދު މުހައްމަދު އެވެ.

މި އިންޖީނުގެ އިމާރާތްކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވާދޫ ދެކުނު ކޮޅުގައެވެ.

މި ސަރުކާރު އައި ފަހުން ހަލުއި ކަމާއެކު ވާދޫގައި ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.