ރ. ވާދޫ ޓުއަރިޒަމް ޕްރޮޖެކްޓް ހަވާލުކުރި ސިންގަޕޫރުގެ ކުންފުނި ރަޖިސްޓަރީ ކުރެވުނުތާ އަދި ދެ މަސްވެސް ނުވާކަން ހާމަވެއްޖެއެވެ.

ސިންގަޕޫރު ބިޒްނަސް ޕޯޓަލްގައިވާ ގޮތުން، އެމް20 ހޮސްޕިޓާލިޓީ ވެންޗާރސް ޕްރައިވެޓް ލިމިޓެޑް (ކޮމްޕެނީ)އަކީ 19 އޮކްޓޯބަރ 2021 ވީ އަންގާރަ ދުވަހު ސިންގަޕޫރުގައި ރަޖިސްޓަރީކޮށްފައިވާ ޕްރައިވެޓް ކުންފުންޏެކެވެ.

އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، މި ކުންފުނީގެ އޮފީސް އެޑްރެހަކީ ކްލިފޯޑް ސެންޓަރެވެ. އަދި މި ކުންފުނި އޮޕަރޭޓްކުރަމުން އަންނަތާ އަދި ދެމަސް ދުވަސް ވެސް ނުވެއެވެ.

ރ. ވާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައިި މި ޕްރޮޖެކްޓް 2016 ވަނަ އަހަރު ހަވާލުކުރި ދިވެހި ކުންފުނި ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެކު ވެފަައިވާ އެއްބަސްވުން މިހާރު ވަނީ ސިންގަޕޫރުގެ އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްއަށް ބަދަލުކޮށްފައެވެ.

އެ ކުންފުންޏަށް ރަސްމީކޮށް މި މަޝްރޫޢު ހަވާލުކުރީ މާގިރި ހޮޓަލްގައި އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އަންގާރަ ދުވަހުގެ މެންދުރުއެވެ.

މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލާއި އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރި މި މަސަައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.