ޒަޔަނިސްޓް އިސްރާއީލުން ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް، ފަލަސްތީނު ފަންޑަށް 11،0000 ރުފިޔާ ހަދިޔާކޮށް ރ. އަނގޮޅިތީމު ސްކޫލުން ނަމޫނާ ދައްކައިފިއެވެ.

އަނގޮޅިތީމު ސްކޫލުން ފަލަސްތީނަށް ހަދިޔާކުރާ 11،000 ރުފިޔާ އެ ސްކޫލުން ހަވާލުކުރީ ރަށު ކައުންސިލާއެވެ. އެ ސްކޫލްގެ ފަރާތުންވަނީ ފައިސާ ކައުންސިލާ ހަވާލުކުރިކަމުގެ ރަމްޒެއް އަނގޮޅުތީމު ކައުސިލަށް އަރުވާފައެވެ.

އެ ކައުންސިލުން އިސްނަގައިގެން އ.ތ.މ ކޮމެޓީ އާއި، ރަށުގެ މުއައްސަސާތަކާއި، ރައްޔިތުން ގުޅިގެން ފަލަސްޠީނަށް އެހީތެރިވުމަށް ފަންޑް ރައިޒް ކުރުމުގެ ހަރަކާތެއް އަންނަނީ ހިންގަމުންނެވެ. ކައުންސިލްގެ ފަލަސްތީން ފަންޑަށް ރަށުގެ ޒުވާނުންނާއި ވިޔަފާރިތަކާއި ކުލަބު، ޖަމުއިއްޔާ އަދި ޖަމާއަތްތަކުންވެސް އަންނަނީ ފައިސާ ހަދިޔާކުރަމުންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ފުޑް ފެއާއެއްވެސް ވަނީ ބާއްވާފައެވެ. އެ މަހުގެ 13 ވަނަ ދުވަހު ”ފަލަސްތީނާއެކު އަނގޮޅިތީމު“ މިނަމުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު އަނގޮޅުތީމު ރައްޔިތުން ތިބިކަން އަންގައިދިނުމަށް ހިނގާލުމެއް ބާއްވާފައި ވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,100 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ޔަހޫދީންގެ ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

މިފަހުން ފަލަސްތީނުގެ އަލް-ޝިފާ ހޮސްޕިޓަލަށް ޔަހޫދީން ދިން ރަޙުމު ކުޑަ ހަމަލަތަކާ ގުޅިގެން ޙަމާސް ޖަމާޢަތުން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑައިލަން ނިންމާފައެވެ.

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލަށް ބޮންއަޅައި، އެ ތަނުގައި ހުންނަ ހިތުގެ ބަލިތަކަށް ފަރުވާދޭ ވޯޑުވަނީ ސުންނާފަތި ކޮށްލައިފައެވެ. އަލް-ޝިފާ ހޮސްޕިޓަލުގައި ވަކިން ހުންނަ ދެ ފަންގިފިލާއަށް ނަގާފައިވާ ޢިމާރާތަށް ޔަހޫދީން ހަމަލާ ދީފައި ވަނީ، ޣައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ތެރެއިންނެވެ. މިއީ، ޔަހޫދީން އަލް-ޝިފާ ހޮސްޕިޓަލަށް ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ.