ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ރ. އިނގުރައިދޫ ފުޓުބޯޅަ ޓީމު، ރ. ރަސްމާދޫ ސްޕޯޓްސް ކްލަބު، ރ. ދުވާފަރު ސްޕޯޓްސް ކްލަބު އަދި ރ. އަލިފުށި ރިކްރިއޭޝަން ކުލަބެވެ.

ރ. އިންނަމާދޫ ފުޓްސަލް ދަނދުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރާނީ އިނގުރައިދޫ ފުޓުބޯޅަ ޓީމާއި ރަސްމާދޫ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދުވާފަރު ސްޕޯޓްސް ކްލަބު އަދި އަލިފުށި ރިކްރިއޭޝަން ކްލަބެވެ.

މި މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 29 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުން ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގެ ގުރޫޕް އޭގެ ޕޮއިންޓް ތާވަލުން އެންމެ ކުރީގައި އިނގުރައިދޫ އޮތީ 9 ޕޮއިންޓާއެކުއެވެ. 6 ޕޮއިންޓާއެކު އަލިފުށި ރިކްރިއޭޝަން ކުލަބު ދެވަނައިގައި އޮތް އިރު، އިންނަމާދޫ އޮތީ 3 ޕޮއިންޓާ އެކު މުބާރާތުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައިއެވެ.

ގުރޫޕް އޭގެ ޕޮއިންޓް ތާވަލުން އެންމެ ދަށް ނަތީޖާ އަކާއެކު ހަތަރުވަނަ ޓީމެއް ގޮތުގައި އޮތީ ޓީމު ރ. މަޑުއްވަރީއެވެ.

ގުރޫޕް ބީގެ ޕޮއިންޓް ތާވަލު ދައްކާގޮތުން 6 ޕޮއިންޓާއެކު ދުވާފަރު ސްޕޯޓަސް ކުލަބު އޮތީ ޕޮއިންޓް ތާވަލުން އެއްވަނައިގައެވެ. އަދި ރ. ރަސްމާދޫއަށް ސެމީގެ ފުރުސަތު ލިބުނީ ލަނޑުގެ ތަފާތުން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. 3 ވަނަ ލިބިފައިވަނީ ރ. އުނގޫފާރު ޓީމަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިމުބާރާތުގެ ފަހުގެ ޗެމްޕިއަނަކީ ދުވާފަރެވެ.