ކުރިޔައް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ – މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މި ދުވަސްކޮޅު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
ޖެހޭނީ އިރުއުތުރާއި އިރުން ލަފާކުރެވޭ ގޮތުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ވިލާގަނޑުގައި ގަޑިއަކު 28 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3-6 ފޫޓް ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
