ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައި ފްލައިން ޑަޗްމެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.
މިމުބާރާތުގެ ފައިނަލަށް ފްލައިން ޑަޗްމެން ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކުއެވެ.
ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗްގައި ފްލައިން ޑަޗްމެން، ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދީ، 3-4 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ނިއުބޯން އެފްސީން ގޭމް ޑޮމިނޭޓްކޮށް ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމާލި އިރު، ލަނޑެއް ޖަހައި ފްލައިން ޑަޗްމެން ފަރަގު ކުޑަކުރިއެވެ.
2-1ގެ ނަތީޖާއަކުން ދެ ވަނަ ހާފު ފަށައިގެން ކުޅުން ކުރިއަށް ގެންދިޔައިރު މިހާފުގައި ނިއުބޯން އެފްސީން ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. ނަމަވެސް ކުޅުން ވަރުގަދަކޮށް އެޓޭކްތައް ދޭން ފެށުމުގެ ނަތީޖާއަކަށްވީ ފްލައިން ޑަޗްމެންއަށް ފަސޭހަކަމާއެކު ނަތީޖާ ހަމަހަމަކުރެވުމެވެ.
މެޗު ނިންމާލީ އިތުރު ލަނޑަކާއެކު 3-4 ގެ ނަތީޖާއަކުން ފްލައިން ޑަޗްމެން މެޗު ކާމިޔާބުކޮށްގެނެވެ.
އެސް.ނާ އިންވެސްޓްމަންޓުން ހިންގި މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދީފައިވަނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.
