ރ. އުނގޫފާރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ނިންމާލައިފިއެވެ.

މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ 68 އިންސައްތަ މިހާރު ނިންމާފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ވަނީ ރިވައިމެންޓް ޕްރޮފައިލިން މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ވެސް 26 އިންސައްތަ ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އުނގޫފާރުގެ ފަޅުން، ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކާ ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު، ހިއްކުމުން ފަޅު ތެރޭގައި ހިއްކަން އޮތް އެންމެ ބޮޑަކަށް ހިއްކޭ ކަމަށެވެ.