މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025ގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނާއި ރަނަރ-އަޕް ވެސް ވާދަކުރަން ނިންމައިފިއެވެ.

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024 ޗެމްޕިއަން ޓީމަކީ ފްލައިން ޑަޗްމެންއެވެ. އަދި އެ މުބާރާތުގެ ފައިނަލްގައި ކުޅުނު އަނެއް ޓީމަކީ ނިއުބޯން އެފްސީއެވެ.

މިދެޓީމުން ވެސް ރ. ވާދޫގައި ބާއްްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ރ. ވާދޫ ކައުންސިލް ފުޓްސަލްކަޕް 2025 ބައިވެރިވެފައިވާކަން އިއުލާންކޮށްފައެވެ. މިމުބާރާތަކީ މާލޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބާއްވާ ސިލްސިލާ މުބާރާތެކެވެ.

މިމުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ކޮށްފައިވަނީ ރ. ވާދޫ ލައިވްއެވެ.

މި މުބާރާތް އޮންނާނީ، ރ. ވާދޫ ފުޓްސަލް ގްރައުންޑްގައެވެ.

މިދިޔަ އަހަރު މުބާރާތުގެ ތަށި އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައި ފްލައިން ޑަޗްމެންއެވެ.

ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިދިޔަ އަހަރު ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް 2024“ ރ. ވާދޫ ލައިވްއިން ގެނެސްދީފައިވަނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ.

ލައިވް ބްރޯޑްކާސްޓިން ހިމެނޭ ގޮތަށް މިދިޔަ އަހަރުގެ މިމުބާރާތުގެ ލައިވް ކަވަރޭޖް ރ. ވާދޫ ލައިވްއިން ގެނެސްދިން ނަމަވެސް، މި އަހަރުގެ މުބާރާތުގެ ލައިވް ކަވަރޭޖް ގެނެސްދިނުމާ މެދު މިނޫހުން ވަކި ގޮތެއް އަދި ނުނިންމައެވެ.

އެހެންނަމަވެސް، މިނޫހުގެ ޗީފް އޮޕަރޭޓިން އޮފިސަރ އާމިނަތު އާލާ އަލީ ވަނީ މުބާރާތުގެ ޚަބަރުތައް ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މުބާރާތުގެ ޚަބަރުތައް ފަހިޕޭއިން މިއަހަރުވެސް ސްޕޮންސަރކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ރ. ވާދޫ ލައިވްއަކީ ރަޖިސްޓަރީކޮށްގެން ހިންގާ މިރަށަަށް ނިސްބަތްވާ ފުރަތަމަ އަދި ހަމައެކަނި ނޫހެވެ.