ރ. ވާދޫގައި ކުނިކޮށްޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
ރ. ވާދޫ ކައުންސިލުން ގެޒެޓްކުރި އިޢުލާނެއްގައި ބުނީ ވާދޫގައި ކުނިކޮށްޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން، 2025 ޖުލައި 16 ވަނަ ދުވަހުން ފެށިގެން 2025 ޖުލައި 29 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ.
ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށް އިޢުލާންގައިވެއެވެ.
މި މަސައްކަތާ ގުޅިގެން ނަންނޯޓު ކުރާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން ލާޒިމު ނޫން ކަމުގައި ބަޔާންކޮށް، ވާދޫ ކައުންސިލުން ބުނީ 2025 އޮގަސްޓް 11 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 އޮގަސްޓް 11 ވާ ހޯމަ ދުވަހުގެ ހެނދުނު 11:01 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ވާދޫ ކައުންސިލުން ބުނެފައިވެެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓުކުރާ ފަރާތްތަކުން، އެ ކައުންސިލްގެ އިއުލާނާއެކު އާއްމުކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއިއެކު، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް އީމެއިލް info@vaadhoo.gov.mv އަށް ހުށަހެޅުމަށް ވާދޫ ކައުންސިލުން ވަނީ ބުނެފައެވެ.
”މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.“ ރ. ވާދޫ ކައުންސިލުން ބުންޏެވެ.
