ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ރ. ރަސްމާދޫގައި ބާއްވާ އަރުތަ ފުޓްސަލް މުބާރާތް 2025ގެ ޓާސްކްފޯސްއަށް ކައްކަދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއިން ބުނީ، އަރުތަ ފުޓްސަލް މުބާރާތުގެ، ޓާސްކްފޯސް (ޖުމްލަ 40 މީހުންނަށް) ކައްކަދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރާ ކަމަށެވެ.
އެގޮތުން، މުބާރާތުގެ މެޗްތައް ކުޅޭ ދުވަސްތަކުގައި ޓާސްކްފޯސްއަށް ރޭގަނޑުގެ ކެއުން ކައްކައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކެއްކުމުގެ ފުރުޞަތު ހުޅުވާލާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ ނަމަ، އެ ކައުންސިލުން ވަނީ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް މި ކައުންސިލަށް ހާޟިރުވެ ފޯމް ހުށައެޅުމަށް އެދިފައެވެ.
ރ އަތޮޅުގެ އެންމެ ފޯރިގަދަ މުބާރާތް، އަރުތަ ފުޓްސަލްގެ 2025 ވަނަ އަހަރުގެ މުބާރާތުގައި 12 ރަށަކުން ބައިވެރިވުމަށް ރެޖިސްޓަރކޮށްފައިވެއެވެ.
ވަގުތު ހަމަވި އިރު ރަޖިސްޓްރީކޮށްފައިވަނީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އުނގޫފާރު
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫއެވެ.
01 އޯގަސްޓް 2025ގައި ރަސްމާދޫގައި ފެށުމަށްހަމަޖެހިފައިވާ މި މުބާރާތަކީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވާނެ ފަހަރުކަމުގައި ގަބޫލްކުރެވެއެވެ.
