2026 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް 623 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ ޤައުމީ ފެންވަރުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ބޮޑު އިސްކަމެއް ދީފައިވާކަން ދައްކުވައިދޭ އަދަދެކެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބަޖެޓްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ޖުމްލަ 623,002,780 ރުފިޔާ (ހަސަތޭކަ ތޭވީސް މިލިއަން ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަނޑައަޅާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، އެންމެ ބޮޑު ބައި ހިމަނާފައިވަނީ ކޯޕަރޭޓް އެފެއާޒް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ އަށެވެ. މި ބަޔަށް 477،110،086 ރުފިޔާ ހިމަނާފައިވެއެވެ.

ވުޒާރާގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ޒުވާނުންނަށް ޚާއްސަ ކަންކަމަށް 4،660،619 ރުފިޔާ ކަނޑައަޅާފައިވާއިރު، ކުޅިވަރާ ބެހޭ ޢާންމު ހަރަދުތަކަށް 141،232،075 ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން، ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) މަޝްރޫޢުތަކުގެ ތެރެއިން ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަޝްރޫއުތަކަށް 403,138,601 ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހިމެނެއެވެ. މި ސެންޓަރުތައް ގާއިމުކުރުމަށް 90،320،586 ރުފިޔާ ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް 83،855،702 ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ކުޅިވަރުގެ ވަސީލަތްތައް ލާމަރުކަޒީ އުޞޫލުން ތަރައްޤީކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ހާމަވާ އަދަދުތަކެކެވެ.