ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ފޮޓޯ: އުނައިޝް / ކެރެޓޭ

މުޅި ދުނިޔެއަށް މަޝްހޫރު ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލާލައިފިއެވެ.

ރ. ވާދޫގެ ގޮނޑުދޮށް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭގަނޑުގެ ވަގުތުގައި އެ ދިއްލާލާ ދިއްލާމުމުގެ ސަބަބުންނެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ވާދޫގެ ގޮނޑުދޮށުގައި ރެދަން ލާ ދުވަސްވަރެކެވެ. ގުދުރަތީ ރީތި މި މަންޒަރު ބަލައިލުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވެސް މިރަށަށް ޒިޔާރަތްކޮށްފައި އެބަހުއްޓެވެ.

މިރަށު ގޮނޑުދޮށުން ފެންނަ ރެދަންއަކީ މީގެ ކުރިން ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިކަމާ ގުޅިގެން ގޫގުލްއިން ވަނީ ރ. ވާދޫ އަކީ ”ސީ އޮފް ސްޓަރސް“ގެ ގޮތުގައި ލޭބަލްކޮށްފައެވެ.

ވާދޫގައި ރެދަން ލާފައިވާ މަންޒަރު އެންމެ ބޮޑަށް ފެންނަނީ ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުންނެވެ. ނަމަވެސް، ރެދަން ލާން ފަށައިފި ނަމަ މުޅި ރަށުގެ ވަށައިގެން އެކި ސަރަހައްދުތަކުން މި މަންޒަރު ފެނެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުން ފެންނަ ރެދަނާއި ވާދޫ ގޮނޑުދޮށުން ފެންނަ ރެދަނުގައި ތަފާތުތަކެއް ވެސް އެބަހުއްޓެވެ. މިރަށުން ވާހަކަދެއްކި މީހުން ބުނަނީ ”އާންމުކޮށް މި ފެންނަ ރެދަން ސިކުންތެއް ނޫނީ ދޮޅު ސިކުންތެއް ތެރޭ ގެއްލޭ“ ކަމަށާއި ވާދޫ ގޮނޑު ދޮށުން ފެންނަ ރެދަން ދެ މިނެޓް ވަންދެން ވެސް ހުންނަ ކަމަށެވެ.

މީގެ 11 އަހަރު ކުރިން ނޭޝަނަލް ޖިއޯގްރަފިކް ވަނީ ވާދޫގައި ރެދަން ލުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެއް ދައްކާފައެވެ. އަދި ބީބީސީ އާއި ސީއެންއެންއިން ވެސް މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީފައިވެއެވެ.

ވާދޫގެ ގުދުރަތީ މި މަންޒަރު ބަލާލުމަށް ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުން ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ.