ރ. ވާދޫ ބަނަދަރު ސަރަހައްދުން ވަޅުފެން ދޫކުރުމަށް ގާއިމުކުރި ނިޒާމުގައި މައްސަލަތަކެއް އުޅޭތީ، ޚިދުމަތް ދިނުމަށް ބުރޫއަރާފައިވާ ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެއްޖެއެވެ.
ރ. ވާދޫ ލައިވް އަށް ހުސައިން ޢަލީ ވިދާޅުވީ، ވަޅުފެން ދޫކުރުމަށް ބެހެއްޓިފައިވާ ޕަމްޕް ހަލާކުވެފައިވާތީ، ބަނދަރުން ވަޅުފެން ދޫކުރުން ވަނީ މެދުކެނޑިފައެވެ. ހުސައިން ވިދާޅުވީ އެކަން ހައްލުކޮށް އަލުން ފެން ދޫކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.
”އާ ޕަމްޕެއް ލިބިފަ ހުރީ، ވަރަށް އަވަހަށް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާނަން“ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ހުސައިން ވިދާޅުވިއެވެ.
އެ ތަނުގައި ވަލުފެން ދޫކުރާ ނިޒާމެއް ގާއިމުކުރީ ވާދޫ ކައުންސިލުންނެވެ.
ރ، ވާދޫ ބަނދަރަކީ 2015 ވަނަ އަހަރު ވާދޫގައި ރަށު ކައުންސިލުން އިސްނަގައިގެން ގައު އަތުރައި އެކަށިގެންވާ އަލި ލިބޭނެހެން ލައިޓް ޖަހައި 24 ގަޑިއިރު ބޭނުންކުރެވޭ ގޮތަށް ޒަމާނީ ގޮތަށް ތަރައްގީކޮށްފައި ބަނދަރެކެވެ، 24 ގަޑިއިރު ބޭނުންކުރެވޭނެހެން ވާދޫގައި ގެނެވުނު މި ބަދަލަކީ ރ. އަތޮޅުގެ ރަށެއްގައި، ކައުންސިލަކުން އިސްނަގައިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. މިއީ ރަށް ތަރަށްޤީކުރުމަށް އެކުލަވާލާފައިވާ ޕްލޭން ގެދަށުން ކުރެވުނު މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.
އެލްޖީއޭ އިން ނަމޫނާ ކައުންސިލެއްގޮތުގައި ފާހަގަކޮށް، ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަށް ހިމެނޭ ގޮތަށް ޒިޔާރާތްކޮށްފައިވާ، ރ. ވާދޫގައި މި ރަށު ކައުންސިލުން އިސްނަގައިގެން ބަނދަރުގައި ގައު އެތުރުމުގެ އިތުރުން މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެހެން ދެ ތަނެއްވެސް ވަނީ ހަދާފައެވެ.
ވާދޫ ކައުންސިލުން މި މަސައްކަތް ކޮށްފައި ވަނީ އެކި ފަރާތްތަކުން އެހީ ހޯދައިގެން ތަކެތި ޖަމާކުރުމަށްފަހު އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ.
