ކައުންސިލުން ބާއްވާ މީދާ ހިފުމުގެ މުބާރާތާއި ދެކޮޅަށް ރ. ވާދޫ ޒުވާނުން މިރޭ އިހުތިޖާޖުކޮށްފިއެވެ.

މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު ވާދޫ ކައުންސިލްގެ އިދާރާ ކުރިމަތީގައެވެ.

އަމީނީ މަގުގައި ހުންނަ ވާދޫ ކައުންސިލްގެ އިދާރާ ކުރިމަތީގައި ޒުވާނުން މި އިހުތިޖާޖުކުރިއަށް ގެންދިޔަ އިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކުރީ ބަޖެޓް ނެތިގެން ފުޓްސަލް މުބާރާތެއް ބާއްވައި ނުދިން މައްސަލައެވެ. 6000 ރުފިޔާގެ ފައިސާގެ އިނާމެއް ކައުންސިލުން ހުށައެޅި މިދާ ހިފުމުގެ މުބާރާތް ޒުވާނުންނަށް ކަމުނުދިޔަ ސަބަބަކީ އެއީ އެވެ.

”ބަޖެޓް ނެތީ ފުޓްސަލް މުބާރާތް ބައްވަންތޯ؟“ ޒުވާނަކު ހިފަހަައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައިވެއެވެ.

މިވެސް ކިޔާލާ: ”ބަޖެޓް ނެތިގެން“ ވާދޫ ކައުންސިލުން ބޭނުންވާ ގިނަ ކަންކަން ނުވެފައި!

މި މުބާރާތަކީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވާދޫއަކީ މީދާ ގިނަ ރަށަކަށް ނުވިނަމަވެސް ރައްޔިތުންނަށް މީދަލުގެ ސަބަބުން ލިބޭ އުނދަގޫތަކަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މުބާރާތުން ވަނަތައް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަމިއްލަ ގޮތުންނާއި ގްރޫޕް ހަދައިގެންނާއި އަދި ޖަމިއްޔާގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ވާދޫގައި ދިރިއުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުން އެއްވަނައަށް 3000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ އަށް 2000 ރުފިޔާ ކަނޑައަޅާފައިވާއިރު 3 ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވާދޫ ކައުންސިލުން ވިދާޅުވީ އެއް ވަނަ ލިބޭނީ 200 އަށް ވުރެ ގިނަ މީދާ ހިފައިގެންކަމަށެވެ. ދެ ވަނަ ލިބެނީ 150 މީދާ ހިފައިގެން ކަމަށާއި، ތިން ވަނަ ލިބޭނީ 100 މީދާ ހިފައިގެން ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ވާދޫގައި އެންމެ ކުރިން މީދާ ހިފަމުން އައީ ރަށުގެ އެކި ތަންތަނަށް ބޭސް ލައިގެންނެވެ. ނަމަވެސް މިފަހަރު ރައްކާތެރިކަމާއެކު މީދާ ހިފުމުގެ މުބާރާތް ކުރިއަށް ގެންދާއިރު މި މުބާރާތުގައި ހިފާ މީދާތައް ނައްތާލަން ނިންމާފައި ވަނީ ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ވަޅުލައިގެންނެވެ.