ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް
ޣަފްލަތާ ވަކިކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް
ބަރަކާތްތެރިވެގެންވާ ރަމަޟާންމަސް އަހަރެމެންނާ ބައްދަލުކުރަން ވަގުތު ކުޑަތަންވަނީއެވެ. ރާއްޖެ ދުށް ކުޅަދާނަ ލަވަކިޔުންތެރިޔާ އަލްމަރްޙޫމް އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ވިދާޅުވިހެން، ރަމަޟާންމަސް އަހަރެމެންނާ ހަމައަށް އަންނަނީ ޣާފިލުކަމުގެ ނިދިން ނަފުސު ހޭލައްވާލުމަށެވެ. ރަމަޟާންމަހަކީ، މާތްﷲ މަތިވެރި ކުރައްވާފައިވާ ވަރަށް މާތް ރޫޙާނީ، މައްސަރެކެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން ބޮޑެވެ. އަދި މި ބަރަކާތްތެރިމަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ.
މާތް ﷲ އިރާދަކުރެއްވިއްޔާ، ޝުކުރުވެރިކަމާއެކު، ކުރިއަށް އޮތް މާތް މައްސަރުގެ ބަރަކާތާއި ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ރޯދަމަހަކީ ކީރިތި ޤުރްއާނުގެ މައްސަރު ކަމަށްވާތީ، ޤުރްއާނަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމަކީ ސަވާބާއި ދަރުމަ ހުރި ކަމެއްކަން ހަނދުމަކޮށްދެމެވެ. ޒަމާނުއްސުރެ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އުޞޫލުތަކުގެ މަތީގައި ހަރުދަނާކަމާއެކު ސާބިތުވެ ތިބި ބައެކެވެ. އެހެންކަމުން، މި ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، މިކަންކަމުގެ މަތިން ހަނދާންކޮށް، އިސްލާމީ ރީތި އުޞޫލުތަކަށާއި، މުޖްތަމަޢުގެ މަތިވެރި ހަމަތަކަށް ސަމާލުކަން ދެއްވުމަކީ އެދެވޭ ކަމެކެވެ.
ރާއްޖޭގެ ޒަމާންވީ އާދަކާދައިގެ މަތިން، ބަރަކާތްތެރި ރަމަޟާން މަހަށް މިހާރުވެސް ރާއްޖޭގެ ރައްޔިތުން މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ގޯތިގެދޮރު ޒީނަތްތެރިކުރުމާއި ހިފާގެންގުޅޭ ބައެއް ސާމާނު އާކުރުމާއި، ރޯދަމަހަށް ގެއަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދާ ގިނަ ބަޔަކު މިހާރުވެސް ރޯދަޔަށް ތައްޔާރެވެ. އެކަމަކު ރަމަޟާންމަހަށް ހަގީގީގީ މާނައިގައި ތައްޔާރުވާ މީހާ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެއީއެއް ނޫނެވެ. މުހިންމީ މާތް މައްސަރުގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ނަފުސު ޠާހިރުކޮށް، މާތް ﷲއަށް ކުށްތަންވެ، ތަގުވާވެރިވުމެވެ. މިމަގުން ގޮސްފި މީހަކު ﷲ ގެއްލެނިވި ނުކުރައްވާނެތެވެ. އަދި ރޯދަމަހުގެ ހެޔޮ އަޖުރު އޭނާއަށް ލިބޭ ހުއްޓެވެ.
صحيح سنن النسائي ގައި ވާރިދުވެގެންވާ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ.
أتاكم رمضانُ، شهرٌ مبارك، فرَضَ الله – عز وجل – عليكم صيامه، تُفتح فيه أبواب السماء، وتُغلق فيه أبواب الجحيم، وتُغَلُّ فيه مَرَدة الشياطين، لله فيه ليلةٌ هي خيرٌ من ألف شهر، من حُرِمَ خيرها فقد حُرم
މާނަ: ”ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. އެ މައްސަރުގައި ﷲ عز وجل ވަނީ ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފައެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ލެއްޕެވެއެވެ. އަދި ޝައިޠާނުންގެ މަރަދަތައް ކަސްތޮޅު އެޅުވެއެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ﷲ ލައްވާފައިވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާއަކީ ހަމަކަށަވަރުން އެންމެހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެ މީހެކެވެ.“
ބުޙާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.
“من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه” خرّجه البخاري ومسلم،
މާނަ: “ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ.”
އަދިވެސް، ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައިވެއެވެ.
“التمسوا ليلة القدر في الوتر من العشر الأواخر من رمضان“ خرّجه البخاري ومسلم
މާނަ:“ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރިރޭތަކުން ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަންނާށެވެ.“
އެހެންކަމުން، ބޯމަތިވެފައިވާ މާތް މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، މާތްވެގެންވާ ލައިލަތުލް ޤަދްރި ވިލޭރޭގެ ފޮނި މޭވާ ލިބިގަތުމުގެ އަޒަުމުގައި ރަމަޟާންމަހާ ބައްދަލުކުރަމާ ހެއްޔެވެ. މާތްﷲ އަަހަރެމެން އެންމެނަށް ރަމަޟާން މަހާ ބައްދަލުކުރުމުގެ ހެޔޮ ނަސީބު މިންވަރުކުރައްވައި، އެމަހުގެ ހެޔޮކަން ލިބިގަތުމުގެ ތައުފީގާއި ސިއްހަތު ދެއްވާށިއެވެ
Leave a Reply