ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް ހިމަނާފައިވަނީ 1.2 މިލިއަން ރުފިޔާއެވެ.

މިއީ އެ ބޭފުޅުންނަށް މިފަދަ އިނާޔަތެއް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ބަޖެޓުގައި ވާގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ވެސް މި އިނާޔަތް ދޭނެ އެވެ.

ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކަކީ، ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ.

ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަތިވެރި އިއްޒަތް އެރުވި 24 ބޭފުޅަކާއި އިއްޒަތް އެރުވި 12 ބޭފުޅެކެވެ. އަދި އެންމެ މަތިވެރި އިއްޒަތް އެރުވި އެއް ބޭފުޅެއް ވެސް ހިމެނެ އެވެ. އެއީ ހަމއެކަނި މައުމޫން އަބްދުލް ގައްޔޫމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދަށް ވެސް ވަނީ ދިވެހި ދައުލަތުގެ އިއްޒަތް އަރުވާ ފައެވެ.