ރ. ވާދޫ ލައިވްގެ ސުލޫކީ އަސާސްތައް

ރ. ވާދޫ ލައިވްގެ އެންމެހާ ކަންކަން ބިނާވެ ތަރުތީބުވެފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުގައި ދަޢުލަތުގެ ދީންކަމަށް ބުނެފައިވާ އިސްލާމްދީނާއި ޖިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއް ގޮތަށް އަގުކުރެވޭ ކަންތައްތަކެއް އަދި ބުއްދިއަށް ގަބޫލުކުރެވޭ ހަމަތަކެއްގެ މައްޗަށެވެ. މި ނޫސް ހިންގާނީ ޒާތީގޮތުންނާއި ނޫސްވެރިކަމުގެ މަސައްކަތުގެ ގޮތުން ބަލަންވީ މިންގަނޑުތަކެއްގެ މަތީގައެވެ. އެ ހުރިހާ ކަމެއްމެ، ބިނާވާނީ ތެދު ހަގީގަތަށް ވާސިލުވުމާއި އިންސާފުވެރިވުމާއި ހަމަހަމަވުމާއި އިޝްތިހާރުކުރުމާއި ނޫސްވެރިކަމާ ދެމެދު ތަފާތެއް ގެންގުޅުމާއި ސުލޫކު ހުރި ނޫސްވެރިން އަދި އިންސާނީ ވަސީލަތް ބިނާކުރުމުގެ މަގުސަދުގެ މައްޗަށެވެ.

ރ. ވާދޫ ލައިވްގެ މައިގަނޑު ތަރުތީބު އޮންނާނީ އިސްލާމްދީނުގެ އަސްލުތަކާއި ތަރަހައިގެ ތެރެއިން ބޭރުނުވެ، ތެދު ހޯދުމާއި ތެދު ހާމަކުރުމުގެ ތެރޭގައެވެ. އަދި އެ ތަރުތީބުގެ ރޫހަކީ އެންމެނަކީ އިޚްތިރާމް ލިބުން ހައްގު ބައެއް ކަމުގައި ދުށުމާއި ރައްޔިތުންނަށް ކަންކަން އެންގުން ފިޔަވައި އިތުރު މަސްލަހަތެއް ނެތުމާއި ނޫހުގެ ކިޔުންތެރިން، ވީޑިއޯ އޯޑިއޯ ހިމެނޭ ގޮތުން ބެލުންތެރިން، އެހުންތެރިން ކުރިމަތީގައި ޒިންމާވުމެވެ.

ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާ، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔާތްކޮށް، ދެމެހެއްޓުމަށްޓަކައި ރ. ވާދޫ ލައިވްގެ ނޫސްވެރިން އަބަދުވެސް މަސައްކަތް ކުރާނީ އަންނަނިވި އަސާސްތަކަށް އިސްކަންދީގެނެވެ. އެއީ ހަގީގަތް ހާމަކުރުމާއި އިންސާފުވެރިވުން އަދި ނުފޫޒެއްގެ ދަށުގައި ނުވުމެވެ.

މި ނޫހުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ޝަފަރާއި ދިވެހިންގެ އާދަކާދަ އާއި ސަގަފާތާއި ދިވެހިބަހާއި، އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އަގު ކުރާ އުސޫލުތަކަށް އެންމެ މަތީން ކަމޭ ހިތާނެއެވެ. ޚަބަރާއި މައުލޫމާތު ފަތުރާނީ ކަމާ ގުޅޭ ފަރާތްތަކުގެ ޒާތީ މަސްލަހަތުތަކަށް ރިއާޔަތްކޮށް އާންމު ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ލިބިގަތުމުގެ ހައްގަށް އިސްކަން ދީގެނެވެ. ކުށެއް ލިޔެވިއްޖެކަން އެނގުމާއެކު ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ކުށެއް އިސްލާހު ކުރާނެ، އަދި މާފަށް އެދެން ޖެހިއްޖެ ހާލަތުގައި ފަސް ނުޖެހި މާފަށް އެދޭނެއެވެ.

މި ނޫހުން، ވީޑިއޯ އާއި ފޮޓޯ އާއި އެހެނިހެން އެފަދަ މައުލޫމާތު ހޯދާނީ އޮޅުވާލުމެއް ނެތި އެނގޭ ގޮތަށެވެ. ގައުމުގެ މަސްލަހަތެއް، އަދި ދޭދެ ގައުމުތަކުގެ މަސްލަހަތެއް ހިފެހެއްޓުމަށްޓަކައި ކޮންމެހެން މަޖުބޫރު ވެއްޖެ ހިނދެއްގައި މެނުވީ ފޮރުވިގެން ތިބެ ނޫސްވެރިކަމުގެ މަސައްކަތެއް ނުކުރާނަމެވެ. ހަމަ އެއްވެސް މީހަކަށް މެދުވެރިވާ ހިތާމަވެރި ކަމެއްގެ މައުލޫމާތު ހޯދައި އެއްކުރުމުގައި ވަގުތާއި ހާލަތަށާއި އިހުސާސްތަކަށް ފަރުވާތެރިވެ އިހުތިރާމް ކުރާނަމެވެ.

މަސައްކަތް ކުރާނީ ނޫސްވެރިކަމުގެ އެންމެ މަތީ މަސްލަހަތާއި ޕްރޮފެޝަން ދެމެހެއްޓުމަށެވެ. މަސައްކަތް ކުރާ ތަނާއި އަހަރެމެންގެ ގަދަރާއި އިތްޒަތަށް އުނި ކަމެއް އަތުވެދާނެ ކަންކަމުން ދުރުހެލިވުމަށް އަބަދުވެސް މަސައްކަތް ކުރާނަމެވެ. ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުން، ނޫސްވެރިއެއްގެ ގޮތުގައި ލިބިދީފައިވާ އިމްތިޔާޒުތަކާއި އިހުތިޔާރުތަކުގެ ފައިދާ ނަހަމަ ގޮތުގައި ނުހިފާނަމެވެ. އަދި ނޫސްވެރިކަން ކުރުމުގައި ޒާތީ މަންފާ އާއި ފައިދާއަށް އިސްކަމެއް ނުދޭނަމެވެ. ނޫސްވެރި ކަމުގެ އެންމެހާ ވާޖިބުތައް އަދާ ކުރުމުގައި އެއްވެސް ކަހަލަ ނުފޫޒަކަށް ތަނެއް ނުދޭނަމަވެ.

ނޫސްވެރި ކަމުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް މީހަކު، ނުވަތަ އެއްވެސް ފަރާތަކުން ދޭ ރިޝްވަތެއް ނުވަތަ ހަދިޔާއެއް ބޭނުމެއް ނުކުރާނަމެވެ. އަދި އެފަދަ ނުފޫޒެއް ފޯރުވަން އުޅޭ މީހެއްގެ މައުލޫމާތު ހާމަ ކުރަންޖެހޭ ފަދަ ހާލަތެއްގައި ފަސް ނުޖެހި ހާމަ ކުރާނަމެވެ. ފޮޓޯއެއް ނުވަތަ މަންޒަރެއްގައި ފެންނަ އެއްޗެއް އޮޅޭ ފަދަ ގޮތަކަށް ފޮޓޯއަށް ނުވަތަ މަންޒަރަށް ބަދަލު ގެނެސް ފުރޮޅައެއް ނުހަދާނަމެވެ. އަޑާއި ލިޔުން އެޑިޓް ކުރުމުގައި ވެސް މާނަ އޮޅޭ ގޮތަށް ބަދަލުކޮށް ފުރޮޅައި ނުހަދާނަމެވެ. އެފަދަ އެއްޗަކަށް ބަދަލެއް ގެނެސްފައި ވާނަމަ އޮޅުން ނާރާނެ ގޮތަކަށް އެ ބަދަލު ގެނައިކަން ހާމަ ކުރާނަމެވެ. ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ މައުލޫމާތު ދޭ މީހާ ނުވަތަ ފަރާތުގެ ނަން ހާމަ ކުރާނަމެވެ. މައުލޫމާތު ދޭ މީސް މީހުނާއި ފަރާތްތަކުގެ ނަން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގައި ގާނޫނުގެ އިމާއި ދާއިރާގައި ދެވޭނެ އެންމެ ފުޅާ ހިމާޔަތް އެ މީހަކަށް ނުވަތަ އެފަރާތަކަށް ދޭނަމަވެ. ވަކި ދީނަކަށް، ނަސްލަކަށް، ދަރިކޮޅަކަށް، ޖިންސަކަށް، އަދި އުމުރަކަށް ނިސްބަތް ވާތީ ނުވަތަ ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން އުނި ކަމެއް ލިބިފައިވާ މީހަކަށް ވާތީ އެ މީހަކަށް ނުހައްގު އުނި ކަމެއް ލިބިދާ ފަދަ ތަފާތު ކުރުމެއް ނުގެންގުޅޭނަމެވެ.

މީހަކު ނުވަތަ ބަޔަކު ގެންގުޅޭ ސިޔާސީ ވިސްނުމެއް އަދި ފިކުރެއްގެ ސަބަބުން ނުވަތަ ތާއީދު ކުރާ ސިޔާސީ ޕާޓީއެއް ނުވަތަ ޖަމާއަތެއްގެ ސަބަބުން އެ މީހަކާއި އެ ބަޔަކާމެދު ނުހައްގު ތަފާތު ކުރުމެއް ނުގެންގުޅޭނަމެވެ. ކުޑަކުދިންނާ ބެހޭ މައުލޫމާތު ހާމަ ކުރާއިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަށް މައުލޫމާތެއް ވީޑިއޯ އައި އޯޑިއޯ އަދި ފޮޓޯ އާއި ކުރެހުން ނުހިމަނާނަމެވެ. ހިނގަ ހިނގާ އޮންނަ ޝަރީއަތްތަކާއި ގުޅޭ ކަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމުގައި އަބަދުވެސް ގައުމުގެ އެންމެ މަތީ މަސްލަހަތުތަކަށް އިސްކަން ދޭނަމެވެ. ޒާތީވުމާއެކު ވިޔަފާރިތަކާއި ހުނަރާއި މަސައްކަތާއި މީހުންގެ އަގު ވައްޓައެއް ނުލާނަމެވެ.

އިސްލާމް ދީނާއި ހިލާފު ނުވާނެ ގޮތެއްގެ މަތީން ބައިނަލްއަގުވާމީ މުއާހަދާތާކާއި ޖަމިއްޔާ ޖަމާއަތްތައް އަގު ކުރުމާއެކު އިންސާނީ ހަގުތަކަށް ހުރުމަތްތެރިކޮށް ހިތާ ނަމެވެ. އަދި ހަރުކަށި ހައްދު ފަހަނަ އަޅާފައިވާ މީހުންނާއި އެފަދަ މީހުނާއި ފަރާތްތަކާއި ނިރުބަވެރިކަމަށް ވާގިވެރިވާ އެއްވެސް ކަމެއް ވެސް އަދި ފަރާތެއް ވެސް ޕްރޮމޯޓެއް ނުކުރާނަމެވެ.